ރާއްޖެއަށް ގަވާއިދާ ޚިލާފަށް ވޭޕް އެތެރެކުރަން މަސައްކަތްކުރި ތިން ފަސިންޖަރަކު ހިފަހައްޓައި، އެއަރ ކާގޯއިން އެތެރެކުރަން އުޅުނު އިތުރު ވޭޕް ޝިޕްމަންޓެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި މަހުގެ 18 ގައި މެލޭޝިއާއިން އައި ތިން ފަސިންޖަރެއްގެ ފޮށިތަކުން ވަނީ 2،062 ވޭޕް ސާމާނު ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1،714 ނެނޯ ސްޓިކް، 200 ޓެރިއާ ސްޓިކް، 96 ކެލިބަރން ކާޓްރިޖް، 50 ވީމޭޓް ކާޓްރިޖް އަދި ވޭޕް ފްލޭވަރ ލިކުއިޑްގެ ދެ ފުޅިއެވެ.
އަދި މި މަހުގެ 12 ވަނަ ދުވަހު އެއަރ ކާގޯއިން އެތެރެކުރި މުދަލެއްގައި ފޮރުވާފައި ހުރި 2،008 ވޭޕް ސާމާނުވެސް ވަނީ ކަސްޓަމްސްއިން ފާހަގަކޮށް އަތުލައިގަނެފައެވެ. މި ދެ މައްސަލައިގެ ތަޙްޤީޤު މިހާރު ދަނީ ކުރިއަށެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން، މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ވޭޕްގެ އެއްވެސް ބާވަތެއް ރާއްޖެއަށް އެތެރެކުރުން ވަނީ މަނާކުރެވިފައެވެ.
މި ޤާނޫނުގެ ދަށުން، ވޭޕް ވިއްކާ ފަރާތްތަކަށް 20،000 ރުފިޔާގެ އަސާސީ ޖޫރިމަނާއަކާއި، ވިއްކާ ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި މިފަދަ ތަކެތި ހިލޭ ދޫކުރާ ފަރާތްތަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅިފައިވެއެވެ.



