ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭ މިންގަނޑުތަކަށް އިއްޔެ ހަތްވަނަ އިސްލާހު ގެނެސްފިއެވެ. މި އިސްލާހާއެކު، ރަމަޟާން މަހުގެ ފަހު 10 ދުވަހު މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭ އިނާޔަތްތަކަށް ވަނީ ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނެސްފައެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން ގެޒެޓްކޮށްފައިވާ މި އިސްލާހުގެ ދަށުން، ރަމަޟާން މަހުގެ ފަހު 10 ދުވަސް ބެލެވޭނީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައެވެ. އެހެންކަމުން، މި ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ މުވައްޒަފެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢަދަދެއް އިތުރު އިނާޔަތެއްގެ ގޮތުގައި ލިބިދެވޭނެއެވެ.
އާ އުސޫލުގެ ދަށުން، ފަހު 10 ދުވަހު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ހާޒިރީ އިނާޔަތް ލިބިދެވޭނެއެވެ. މީގެ އިތުރުން، މި ދުވަސްތަކުގައި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އެ ވަގުތުތަކަށް ފައިސާ ދެވޭނީ ބަންދު ދުވަސްތަކުގެ އިތުރުގަޑީގެ ރޭޓުންނެވެ.
އައު އިސްލާހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އިތުރުގަޑީގެ ފައިސާ ދިނުމަށް މިހާރު ކަނޑައެޅިފައިވާ 10 އިންސައްތައިގެ ތެރެއިން ފަހު 10 ދުވަސް އުނިކުރެވިފައިވުމެވެ. މި ދުވަސްތަކުގައި މުވައްޒަފުން ކުރާ އެންމެހައި މަސައްކަތްތަކަށް، އެއްވެސް މިންވަރެއް ކެނޑުމެއްނެތި، އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.



