ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު ނުވަތަ ރާއްޖޭގެ ހެޕިނެސް އިންޑެކްސް ހިސާބުކުރުމުގައި ބަލާނެ އަށް ދާއިރާއަކަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފިއެވެ. މިކަން އިއުލާންކުރެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މިނިސްޓަރު އާދަމް ޝަރީފް، ދުނިޔޭގެ އުފާވެރިކަމުގެ ދުވަހާ ގުޅުވައިގެން ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
މިނިސްޓަރު ޝަރީފްގެ ރަސްމީ އެކްސް އެކައުންޓުގައި ޝާއިއުކުރެއްވި ޕޯސްޓުގައި، ދިވެހިންގެ އުފާވެރިކަން ހިސާބުކުރުމަށް ބަލާނެ އަށް ދާއިރާ ހާމަކުރެއްވިއެވެ. މި ދާއިރާތަކުގެ ތެރޭގައި އިސްލާމްދީނާ އެއްގޮތަށް އަމަލުކުރުމާއި، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީ، އިޤްތިޞާދީ ކުރިއެރުމާއި އުފެއްދުންތެރިކަން، އަދި ޞިއްޙަތާއި ދުޅަހެޔޮކަން ހިމެނެއެވެ.
މީގެއިތުރުން، ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން، ސަޤާފަތާއި އާދަކާދަ ދިރުވުން، އަމާންކަމާއި ރައްކާތެރިކަން، އަދި މުޖުތަމަޢުގެ ބަދަހި ގުޅުން ހިމެނޭގޮތަށް މި އިންޑެކްސް އެކުލަވާލެވޭނެއެވެ. މި އިންޑެކްސް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާ ހަވާލުކޮށްގެންނެވެ.
މިދިޔަ ފެބްރުއަރީ މަހު ބޭއްވުނު އިފްތިތާޙީ ހަފްލާގައި މި އިންޑެކްސް ކަނޑައެޅުމަށް ނުވަ ދާއިރާއެއް ފާހަގަކުރެވުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ އަށް ދާއިރާއަށް ބަދަލުކުރެވިފައެވެ. އުފާވެރިކަމުގެ އިންޑެކްސް ރާއްޖޭގެ ކޮންމެ ރަށެއްގައި ވަކިވަކިން ހިސާބުކުރެވޭނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.



