މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ އަތުން 1.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާރިޗު 20 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މުޙައްމަދު ޝާނީޒް (46 އަހަރު، ސ. މަރަދޫފޭދޫ / ނަސީމީގެ) އާއި މުޙައްމަދު ޠިބާޤް (39 އަހަރު، މާލެ، މ. ސައިރިއަސް) އަދި ފަރީދާ ޢަބްދުއްރަޙްމާން (35 އަހަރު، ވ. ރަކީދޫ / ޖަންބުގެ) އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި، މާފަންނު ސަރަހައްދުގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި ތިން މީހުންނަކީވެސް މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކެކެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މުޙައްމަދު ޠިބާޤް އާއި ފަރީދާ ޢަބްދުއްރަޙްމާން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމިއެވެ. އަދި މުޙައްމަދު ޝާނީޒް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.
ފުލުހުން ވަނީ މި މައްސަލައިގެ ތަޙުޤީޤު ކުރަމުންދާކަމަށް ބުނެފައެވެ.



