މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތުގައި، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމުން ވަކިކުރި ޝަމްއާން ވަހީދު ރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު ތިން އޮފިސަރަކު ވަނީ ކުރިން ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ފާހަގަކުރެވިފައިވަނީ، ބިދޭސީން ހޯދައި ހައްޔަރުކުރުމުގެ ޒިންމާ ނެތް އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގެ މުވައްޒަފުން މި އޮޕަރޭޝަންގައި ބައިވެރިވެފައިވާ ކަމަށެވެ.
ފުލުހުންގެ ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މުވައްޒަފުން ވަނީ ބިދޭސީން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އެތަނުން ބިދޭސީންތަކެއް ހިފަހައްޓައި، 530,000 ރުފިޔާއާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ އެއް ދުވަސް ފަހުން، ޝަމްއާންގެ އަމުރަށް، ނަގުދު ފައިސާއާއެކު ބިދޭސީއަކު ދަންވަރު ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން، ފުލުހުން ވަނީ ޝަމްއާންގެ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހުއްޓުވައި ބަލައި ފާސްކޮށް، އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.



