ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) މިރޭ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ނިޔާވެއްޖެއެވެ. ކެންސަރު ބަލީގައި ދޮޅު އަހަރެއްހާ ދުވަހު އުޅުއްވުމަށްފަހު ނިޔާވި ސާންތީއަކީ 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހިދުމަތްކުރެއްވި ބޭފުޅެކެވެ.
މަޖީދިއްޔާ ސްކޫލްގައި ތައުލީމު ހާސިލްކުރެއްވި ސާންތީއަކީ ސްކޫލް ފުޓްބޯޅައިން ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ބޭފުޅެކެވެ. އޭގެ ފަހުން އެއްވަނަ ޑިވިޒަންގައި މޮޅު މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުއްވުމަށްފަހު ވަރަށް ޒުވާން އިރު ކޯޗިންގެ ދާއިރާއަށް ވަދެވަޑައިގެން ފުޓްބޯޅައަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވެއެވެ.
އޭއެފްސީ އޭ ލައިސަންސް ހާސިލްކުރައްވާފައިވާ ސާންތީގެ އިރުޝާދާއި ތަމްރީނުގެ ދަށުން ރާއްޖޭގެ ވަރަށް ގިނަ ކުޅުންތެރިން ތަމްރީނު ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ފަހުން ގައުމީ ފެންވަރުގައި ފާހަގަކުރެވުނު އެތައް ކުޅުންތެރިންނެއް ހިމެނެއެވެ. އެކި އުމުރު ފުރައިގެ ގައުމީ ޓީމުތަކުގެ ކޯޗުކަމާއި، ރާއްޖޭގެ އެއްވަނަ ޑިވިޒަންގެ އެތައް ޓީމެއްގެ ހެޑް ކޯޗެއްގެ ގޮތުން ވެސް މަސައްކަތްކުރައްވާފައިވެއެވެ.
ސާންތީގެ ނިޔާވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ “ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް” ކަމަށެވެ. “ހިތާމައިގެ މި ވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ހިދުމަތްތެރިންނަށް އަދި މަރުހޫމްގެ ލޮބުވެތި އާއިލާއަށް ތައުޒިޔާ ދަންނަވަމެވެ” ރައީސް ވިދާޅުވިއެވެ.
ސާންތީގެ މަރުގެ ހިތާމައިގައި ބައިވެރިވެ އެތައް ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ތައުޒިޔާ ކިޔަމުންނެވެ. ދުނިޔޭގެ ފެންވަރުގެ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުގެ ދިރާސާކުރުމުގައި އާންމުކޮށް ފެންނަ މޫނަކަށްވީ ސާންތީ، އޭނާގެ މުޅި އުމުރު ހޭދަކުރެއްވީ ދިވެހި ފުޓްބޯޅައަށް ހިދުމަތް ކުރެއްވުމުގައެވެ.



