މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައަކާއި ހުސްކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ސާންތި ނިޔާވީ ރޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ނިޔާވިއިރު ގެންދިޔައީ ސިއްހީ ގޮތުން ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. މީގެ ކުރިން އޭނާ ވަނީ އެބައްޔާއި ގުޅިގެން އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސާންތީއަކީ ކުޅިވަރުގެ ރޮނގުން، ވަކިން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވަނީ ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.
“މަރުޙޫމް އިޙްސާން ޢަބްދުލްޣަނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސްވެގެންވާ ނިޢުމަތާ މަޣްފިރަތުގައި އަބަދުމެ ލަހައްޓަވާށި،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސާންތީއަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ގިނަ ކުޅުންތެރިން ތަމްރީނުކޮށް، ގައުމީ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވެއެވެ.