މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރަން އުޅުނު ކަމަށް ބުނެ އިންޑިއާ އަދި އިންޑޮނޭޝިއާގެ 10 ރައްޔިތަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2025 މާރިޗު 21 ވަނަ ދުވަހުގެ ދަންވަރު ހިންގި މި އޮޕަރޭޝަނުގައި، މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 7 ކިލޯއަށް ވުރެ ގިނަ އެއްޗެހި ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު އިންޑޮނޭޝިއާގެ ތިން ރައްޔިތުންނަކީ ނަސްވަން އާދިލް (30އ)، އެޑްރިއަންސަޔާ (25އ) އަދި މުޙައްމަދު އިޤްބާލް މަކްރޫމް (30އ) އެވެ. އަދި އިންޑިއާގެ ހަތް ރައްޔިތުންނަކީ ޕްރަބާކަރަން ނަގަރާޖަން (35އ)، ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)، ގަނޭޝް ބޮމްމާލީ (22އ)، ޑަތުކިލޭ ދަރްޝަން ވިޖޭ (22އ)، ޕީޓާ ވިނީ (28އ)، ސަރަން ޕަދްމަން (28އ) އަދި ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ) އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް މީހަކު ފަސް ދުވަހަށް އަދި އަނެއް ފަސް މީހަކު އެއް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. އެއް ދުވަހަށް ބަންދުކުރި މީހުންގެ ތެރެއިން އެކަކު އިތުރު ތިން ދުވަހަށް އަދި ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



