ލިޔުނީ: ޑރ. އާމިނަތު ޙުސައިން
ރަމަޟާން މަހަކީ އަހަރެމެންގެ ނަފުސުތައް އިޞްލާޙު ކުރުމުގެ މަހެވެ. ނަފުސުތައް އިސްލާހުކުރުމުގެ ތެރޭގައި ހަމަ އެކަނި ކުރަން ޖެހޭ ކަމަކީ ނަމާދުކޮށް ރޯދަހިފުމެއްނޫނެވެ. މިއީ ބައެއްފަހަރު ބައެއް މީހުންނަށް ހީވެފާ އޮންނަ ކުށް ހީއެކެވެ. ނަފުސު އިސްލާހު ކުރުމުގެ ތެރޭގައި އާއިލާގެ ގުޅުންތައް ރަނގަޅު ކުރުމާއި، ދޭ ދޭ ގުޅުންތައް ބަދަހި ކުރުމާއި، އިސްރާފުތައް ކުޑަކުރުމާއި، ދިރޭތަކެއްޗަށް އަޅާލާ އިޙުސާންތެރިވުމާއި، ތިމާގެ ދިރިއުޅޭ ތަނާއި ވެށި ސާފުކޮށް ބޭއްވުމާއި މިނޫންވެސް އިޖުތިމާޢީ އެކި ކަންކަން ރަނގަޅު ކުރުން ހިމެނެއެވެ. އެކަމު މިއިން ކޮންމެ ކަމެއް ކުރާއިރުވެސް ހަނދާން ކުރަންވީ ހެޔޮނިޔަތަކާއި އެކު ޘަވާބާއި ދަރުމައަށް އެދި އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި އެކަންކަން ކުރުމަށަވެ. ކޮންމެ ކަމެއް ކުރާއިރުވެސް އިސްލާމްދީނުގެ ޙުދޫދުގެ ތެރެއިން ކަންކަން ކުރަން ހަނދާން ކުރަންވާނެއެވެ. މީގެ އިތުރަށް ތިބާ އަކީ ތިބާގެ ވެށި އަންނަން އޮތް ޖީލުތަކަށް އޭގެ އެންމެ ރިވެތި ސިފައިގައި ފޯރުކޮށްދެވޭތޯ މަސައްކަތް ކުރާ މީހަކަށް ވާންވާނެއެވެ. ރޯދަމަހަކީ މިހުރިހާ ގޮތަކުންވެސް ނަފުސު އިޞްލާޙު ކުރުމަށް ލިބިފައިވާ ރަނުގެ ފުރުސަތެކެވެ.
އިޖުތިމާޢީ ގުޅުންތައް ބަދަހިވެގެންދާ މި މަހުގައި ބައެއް މީހުންގެ ފަރާތުން ފެންނަ ކަންކަމީ ހިތާމަ ކުރަން ޖެހޭކަންކަމެވެ. ރޯދަ މަހަކީ ކެއުމުގެ މެހެފިލްތައް ބާއްވާ އިސްރާފު ބޮޑުމަހަކަށް ވަނީ ވެގެން ގޮސްފައެވެ. އެކަކަށްވުރެ އަނެކަކުގެ ސުފުރާމަތީ އަތުރާލެވޭ ކާތަކެތި އިތުރުކުރެވޭތޯ އުޅޭކަހަލައެވެ. މީގެ ބަދަލުގައި މި މާތްވެގެންވާ މައްސަރުގައިވީހާވެސް މަސައްކަތް ލުއި ޞިއްޙަތަށް ފައިދާވާނޭ މިންހެޔޮ ކެއުންތައް ތައްޔާރު ކުރެވޭތޯ ބަލާށެވެ. ރޯދަވީއްލާ ގަޑިއަށް ތައްޔާރުކުރި ކާތަކެތި ހުސްނުކުރެވިގެން ކުނިވަށިތަކަށްއެޅުމުގެ ބަދަލުގައި ގިނަވާ ބައިން އެރޭގެ ބާކީ ކެއުންތައް ހަމަޖައްސާށެވެ. އެހެން ނޫންނަމަ ކުނިނުވާނޭ ކޮންމެވެސް ގޮތެއް ހަދައިގެން ޖެހިގެން އަންނަ ދުވަހު ކެއުމަށް އިތުރުވި ކާތަކެތި ބޭނުން ކުރާށެވެ. އެހެންނޫންނަމަ ކާތަކެއްޗަށް ބޭނުން ޖެހިފައިވާ ކޮންމެވެސް ފަރާތަކަށް އިތުރުވި ބައި ހަދިޔާކުރާށެވެ. އެންމެ ރަނގަޅު ގޮތަކަށް ވާނީއެގެއެއްގައި އެދުވަހަކު ކެއުމަށް ތިބިމީހުންގެ ޢަދަދަށް ރިޢާޔަތްކޮށް ގިނަނުވާނޭ ވަރަށް ކާތަކެތި ތައްޔާރު ކުރުމެވެ.
ރޯދަވީއްލުންތައް ބާއްވާއިރު ސަމާލުކަންދޭންވީ އަނެއް ކަމަކީ ވީހާވެސް ބޮޑަށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އެކަން ކުރުމަށެވެ. މިސާލަކަށް ޕުލާސްޓިކު ކޮތަޅުގައި ކާތަކެތި ޕެކުކުރުމުގެ ބަދަލުގައި ދެވަނަ ފަހަރަށް ބޭނުން ކުރެވޭނެ ނުވަތަ ތިމާވެއްޓާ ރައްޓެހި ކޮންމެވެސް މެޓިރިއަލަކުން ހަދާފައިވާ ކޮތަޅު ނުވަތަ ތަށި ބޭނުން ކުރެވިދާނެއެވެ. ކުދި ފެން ފުޅިތަކުގެ ބަދަލުގައި ފެން ކޫލަރަކާއި ކަރުދާސް ތަށިބެހެއްޓިދާނެއެވެ. ގޭގޭގައި ބޭއްވޭ އިފްތާރުތަކުގައި އެއް ފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ތަށިތަކުގެ ބަދަލުގައި ދޮވެގެން ދެވަނަ ފަހަރު ބޭނުން ކުރެވޭ ތަށި ސަމުސާ ބޭނުންކުރުމަށް ސަމާލުކަންދޭށެވެ. އަދި ބަދިގޭގައި އުފެދޭ ފަނާވާ ޒާތުގެ ކުނި ނައްތާލުމުގައި ގޮނޑަށް ގެންގޮސް އުކާލުމުގެ ބަދަލުގައި އިތުރު ކަމަކަށް އެކުނި ބޭނުން ކުރެވޭތޯ ބަލާށެވެ. މިސާލަކަށް ގަސްހައްދަވާ ބޭފުޅުން މިފަދަ ކުނިބޭނުން ކޮށްގެން ގަސްކާނާ ތައްޔާރު ކުރެވިދާނެއެވެ.
ރޯދަމަހު ބަދިގޭގެ އެކި ކަންކަމުގައި ފެން ވަރަށް ގިނައިން ބޭނުންކުރަން ޖެހެއެވެ. ކާތަކެތި ތައްޔާރުކުރުމުގައާއި ތެލި ތަށި ދޮވުމުގައާއި އަދި މިނޫންވެސް އިތުރުކަންކަމުގައި ފެން ބޭނުންކުރާއިރު ފެނުން ވީހާވެސް އިސްރާފު މަދު ކުރެވޭތޯ ބަލަން ވާނެއެވެ. ބޭނުން ނުކުރާ ވަގުތު އެއީ ކިތަންމެ ކުޑަ ވަގުތު ކޮޅަކަށްވިޔަސް ފެން އިސްކުރު ބަންދު ކޮށްލާށެވެ. އަދި ފެން ބޭނުން ކުރާއިރުވެސް ހޯސްލައިފައި ފެން އަންނަގޮތަށް އިސްކުރު ބެހެއްޓުމުގެ ބަދަލުގައި ކޮންމެހެން ބޭނުންވާ ވަރަށް ވީހާވެސް ކުޑަކޮށް އިސްކުރު ދޫކުރާށެވެ. މީގެ އިތުރަށް ވުޟޫ ކުރިނަމަވެސް ނުވަތަ ގަސްތަކަށް ފެން ދިން ނަމަވެސް އަދި މިނޫންކަމެއް ކުރިޔަސް ފެން އިސްރާފު ނުކުރާށެވެ. ދެމި ދެމި އޮތް ކޯރެއްގެ ކައިރީ ތިބެގެން ފެން ބޭނުން ކުރިކަމުގައިވީނަމަވެސް ފެނުން އިސްރާފުނުކުރުމަށް އަހަރެމެންގެ ދީނުގައި ވަނީ އަންގަވާފައެވެ.
ރޯދަމަހު އަދި ޢީދުގައި ގެއާއި ގޯތި ތެރެ ޒީނަތްތެރި ކުރުމުގައިވެސް ގިނަ ކުނި ނުއުފެދޭނެ ގޮތަކަށް ކަންކަން ކުރަން ސަމާލުކަން ދޭންވާނެއެވެ. އެކަކު އަނެކަކަށް ހަދިޔާ ދިނުމުގައިވެސް ޕްލާސްޓިކް ނުވަތަ ފަނާނުވާ ޒާތްޒާތުގެ ކަރުދާސް ތަކުގައި ހަދިޔާ ބަންދު ކުރުމުގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ފަނާވާ ޒާތުގެ ކަރުދާހެއް ބޭނުން ކުރުމަށް ސަމާލުކަން ދޭށެވެ.
މި ރަމަޟާން މަހަކީ ތިބާގެ ނަފުސު އިޞްލާޙުކުރުމުގެ މަހަކަށް ހަދައި ރަނގަޅު އާދަތައް ހަރުލެއްވޭތޯ ބަލާށެވެ. އިސްރާފު މަދު ކުރެވޭ މަހަކަށް ހަދާށެވެ. އިސްރާފު ގިނަވުމަކީ އަހަރެމެންގެ ވެއްޓަށް ބުރަ ބޮޑުވާނެ ކަމެއްކަން ހަނދާން ކުރާށެވެ. ތިބާ ތިޔަ އިސްރާފުކުރާ ކާތަކެއްޗަކީ އެތައް ބައެއްގެ ބުރަ ބޮޑު މަސައްކަތުގެ ނަތީޖާކަން ހަނދާން ކުރާށެވެ. އެތައްބައިވަރު ގުދުރަތީ ވަސީލަތްތަކެއް އެކަމަށް ހޭދަވެފައިވާކަން ހަނދާން ކުރާށެވެ. އެއްލާލާ އެންމެ ޕުލާސްޓިކު ކޮތަޅަކުން އެތައް ދިރުމަކަށް ގެއްލުންވެގެން ހިނގައިދާނޭކަން ހަނދާންކުރާށެވެ. ދެމެހެއްޓެނިވި ގޮތްތައް އިޚުތިޔާރުކުރާށެވެ.



