މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި 7.6 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
ޒަކާތު ހައުސްއިން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، އޮންލައިންކޮށާއި ކައުންޓަރުތަކުން ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވަނީ 7،632،214.03 ރުފިޔާއެވެ. މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރެއިން އެންމެ މަތީ އަދަދެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވިގޮތުގައި، ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނާނެއެވެ. މިކަމަށްޓަކައި ދިރާގު، އުރީދޫ، އެމް-ފައިސާ، އެމްއައިބީ، ބީއެމްއެލް، ފަހިޕޭ އަދި ބަނޑޭރި ޕޭ ފަދަ ޕްލެޓްފޯމްތައް ބޭނުންކުރެވޭނެއެވެ.
އުމުރުން ދުވަސްވީ މީހުންނާއި އޮންލައިން ޚިދުމަތްތަކަށް އަހުލުވެރިނުވާ ފަރާތްތަކަށް އިސްލާމިކް ސެންޓަރުގެ ޖަލްސާކުރާ މާލަމުން ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ރަށްރަށުގައި ނަގުދު ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ކައުންސިލްތަކުން ވަނީ ހަމަޖައްސާފައެވެ.
މިއަހަރުގެ ފުރަތަމަ 20 ދުވަހު ލިބުނު އަދަދަކީ 2021 ގައި މުޅި ރަމަޟާން މަހު ލިބުނު 3.1 މިލިއަން ރުފިޔާއަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ 20 ދުވަހު ލިބުނު 4.6 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ވަނީ 3 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ޒަކާތް ލިބިފައެވެ.