ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އައުގާފް އިންވެސްޓްމެންޓްތައް އަހަރަކު 100 މިލިއަން ރުފިޔާއަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.
ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ރަމަޟާން މަހަށްފަހު ދެ ބޮޑު މަޝްރޫއެއް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އަދި މި މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސިންގ ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް މިހާރު ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މި މަޝްރޫއުތައް ފުރިހަމަވުމުން، 2045 ވަނަ އަހަރާ ހަމައަށް އަހަރަކު 12 މިލިއަން ރުފިޔާ އިސްލާމިކް ވަގުފް ފަންޑަށް ލިބޭނެއެވެ. އަދި 2045 ވަނަ އަހަރުގެ ފަހުން މި އަދަދު 70 މިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.
“އަޅުގަނޑުމެން މި މަސައްކަތް ކުރަނީ 2024 ވަނަ އަހަރު އަންނައިރު، ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އަހަރަކު މަދުވެގެން 100 މިލިއަން ރުފިޔާއަށް އައުގާފް އިންވެސްޓްމެންޓްތައް އިތުރުކުރުމަށް. އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރެވޭނެ،” މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ޒުވާން ޚަތީބުން އިތުރުވަމުން އަންނަނީ ވިސްނުމަށް ގެނެވުނު ބަދަލަކާ ގުޅިގެންނެވެ. ކުރިން އިމާމަކަށް ވެވޭނީ ހަމައެކަނި އިމާމް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތް ފަރާތްތަކަށް ކަމަށް ވިސްނިފައި އޮތް ނަމަވެސް، ޖީސީއީ އޯލެވެލް އަދި އޭލެވެލްގައި މަތީ މާކްސް ހޯދާ، ކީރިތި ޤުރުއާނާއި ފިޤުހުގެ އިލްމަށް އަހުލުވެރި ދަރިވަރުންނަކީވެސް އިމާމުކަމަށް ޤާބިލު ބައެއްކަން މިހާރު ވަނީ ސާބިތުވެފައެވެ.
ހާފިޒުން ދަސްވެނިވުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި 24 ހާފިޒުންނަށް ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.



