އިސްލާމްދީނަށް ނަސްރުދިނުމަކީ މިސަރުކާރުގެ އެންމެ ފަޚުރުވެރި އަދި މަތިވެރި ޒިންމާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ފާހަގަކުރެއްވީ ރޭ ބޭއްވުނު ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޤައުމުގައި އިސްލާމްދީނަށް ނަސްރުދިނުމަށް ކުރެވޭ ކޮންމެ މަސައްކަތަކުން އިރާދަކުރެއްވިއްޔާ ހެޔޮ ނަތީޖާއެއް ފެނިގެންދާނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ފާހަގަކުރެއްވީ ޤައުމު ހަމަމަގަށް އެޅުވުމަށްޓަކައި ނަފްސު އިސްލާހުކުރުމުގެ މުހިންމުކަމެވެ. އަދި ޤައުމެއް ޢުމްރާނީ ގޮތުން ކިތަންމެ ތަރައްޤީވިޔަސް، ހިތާއި ސިކުނޑި ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް ނުވާނަމަ ހަޤީޤީ ތަރައްޤީއެއް ނުފެންނާނެ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގެ ދީނީ ތަޢުލީމަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމުގައިވެސް ވެގެންދިޔައެވެ. އެހެނީ ރޭގެ ރަސްމިއްޔާތުގައި 24 ދަރިވަރަކު ވަނީ ޙާފިޡުކަމުގެ ސަނަދު ހާސިލުކޮށްފައެވެ.



