އަލް އުޖައިރީ ސައިންޓިފިކް ސެންޓަރުގެ ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފިޠުރު ޢީދު ސައޫދީ އަރަބިއްޔާގައި ފާހަގަކުރާނީ މާރޗް 30 ވާ އާދިއްތަ ދުވަހުއެވެ.
ގިނަ ރިޕޯޓުތަކުން ދައްކާ ގޮތުގައި މާރޗް 30 އަކީ ރަމަޟާން މަހަށްފަހު އަންނަ ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ކަމަށް ވާނެއެވެ. ނަމަވެސް މިއީ ފަލަކީ ހިސާބުތަކުން ދައްކާ ގޮތް ކަމަށާއި، ސައޫދީ އަރަބިއްޔާ އާއި އެހެނިހެން އިސްލާމީ ގައުމުތަކުން ހިލާފު ފެނޭތޯ ބެލުމަށް ދީނީ ކޮމިޓީތަކެއް އައްޔަންކުރާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ފިޠުރު ޢީދު ފާހަގަކުރުމުގެ ތައްޔާރީތައް ސައޫދީ އަރަބިއްޔާގައި މިހާރުވެސް ދަނީ ކުރެވެމުންނެވެ. ނަމަވެސް ރަސްމީކޮށް ޢީދު ދުވަސް ކަނޑައެޅުމަށްޓަކައި ހިލާފު ފެނޭތޯ ބެލުމަށް އެކުލަވާލާ ކޮމިޓީގެ ނިންމުމަށް އިންތިޒާރު ކުރަން ޖެހޭނެއެވެ.
އަންނަ އާދިއްތަ ދުވަހަކީ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، ސައުދީ އަރަބިއާއާއި މިސްރާއި ތުރުކީއާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި މަހުގެ 29ވަނަ ދުވަހު އިރުއޮއްސުމަށް ފަހުގައި އަށް މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހަނދު ނޯއްސި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ކަމަށެވެ.
އެހެންވެ، ޖެހިގެން އަންނަ އާދިއްތަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭކަމަށް މައުމޫން ފާހަގަކުރެއްވިއެވެ. މި މަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް އިރުއޮއްސެނީ 18:14 ގައި ކަމަށާއި ހަނދު އޮއްސެނީ ވެސް، ހަމަ އެ ގަޑީގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ހަނދު ސާބިތު އިސްލާމިކް މިނިސްޓްރީން ބާއްވާ ބައްދަލުވުން އޮންނާނީ ހޮނިހިރު ދުވަހުގެ ރެ އެވެ. އެ ބައްދަލުވުމުގައި ރާއްޖެއަށް ފިތުރު އީދު ވާނެ ދުވަސް ރަސްމީކޮށް ކަނޑައަޅައި އިއުލާންކުރާނެ އެވެ.



