ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލު ސަރުކާރުން އެކަމަށް ޚާއްސަ އޭޖެންސީއެއް ޤާއިމުކުރުމަށް ކޮށްފައިވާ އިޢުލާނާއި، ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ރާވާފައިވާ ރޭވުންތައް ކުށްވެރިކޮށްފައެވެ.
ދިވެހި ސަރުކާރުން ފާހަގަކުރާ ގޮތުގައި މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަކާ ސީދާ ޚިލާފު ކަންތައްތަކެކެވެ. ޚާއްޞަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2334 އާ މުޅިން ޚިލާފު އަމަލުތަކެއްކަން ފާހަގަކޮށްފައިވެއެވެ.
މި ޢަމަލުތަކުގެ ސަބަބުން ޞުލްޙައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅި، ފަލަސްޠީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި އިންސާނީ ކަރާމާތަށް ނުރައްކާވެގެންދާނެކަމަށް ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދިވެހި ސަރުކާރުން ދެކޭގޮތުގައި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޞުލްޙަވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކުގެ މައްޗަށް ބިނާކޮށެވެ. އަދި މީގެ ތެރޭގައި އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުން ހިމެނެއެވެ.



