ކުރިއަށް އޮތް ރޯދަ މަސްތަކުގައި ސްކޫލުތަކުގެ ކިޔަވައިދޭ ގަޑިތަކަށް ބުރޫ ނާރާނެހެން ރޯދަ މަސް ސްކޫލުތަކަށް ޗުއްޓީގެ ގޮތުގައި ހަމަޖެއްސުމަށް ބައްލަވަމުން ގެންދަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިކަން ރައީސް ހާމަކުރެއްވީ މިއަދު ފަށައިގަތް އެ މަނިކުފާނުގެ ޕޮޑްކާސްޓް “ރައްޔިތުންނާ އެކު” ގެ ފުރަތަމަ އެޕިސޯޑުގައެވެ. މި އަހަރުގެ ރޯދަ މަސް ދިމާވެފައިވަނީ ސްކޫލުތަކުގެ އަހަރީ ޗުއްޓީއާ އެކުގައި ކަމަށާއި، ރޯދަ މަހު ސްކޫލުތައް ބަންދު ކުރުމަށް ގިނަ ބެލެނިވެރިން އެދޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
“މިހާރު އަޅުގަނޑުވާނީ އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާފައި ބައްލަވާދެއްވާށޭ ދެން އޮތް ކޮންމެ އަހަރެއްގައި ވެސް މުޅި ރޯދަ މަސް އެއްކޮށް ބަންދު ކުރުމަށް ހަމަޖެއްސޭތޯ، ކިޔަވައިދިނުމަށް އެއްވެސް ވަރަކަށް ގަޑިތައް ނުގެއްލޭ ގޮތަށް މުޅި އަހަރު ތެރޭ ހަމަޖައްސައިގެން،” ރައީސް ވިދާޅުވިއެވެ.
މި އަހަރު ސްކޫލުތައް ރޯދަ މަހާ އެކު ބަންދުވެފައިވަނީ ކުރިން ރޭވިގެނެއް ނޫން ކަމަށާއި، މިއީ ދިރާސީ އަހަރު ޖެނުއަރީ މަހުން ފެށުމަށް ގެނައި ބަދަލުގެ ސަބަބުން އައި ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރޯދަ މަހު ސްކޫލުތައް ބަންދުކުރުމަކީ ބެލެނިވެރިންނާއި ދަރިވަރުންނަށް އަޅުކަމުގައި މަޝްއޫލުވެ، އެކުގައި ވަގުތު ހޭދަކުރުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މި ސަރުކާރުގައި ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ ފަހު 10 ދުވަސް ވަނީ ސަރުކާރު މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި ހަމަޖައްސާފައެވެ.



