ހއ. އުލިގަމުގައި އިމިގްރޭޝަން އޮފީހެއް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، މިއަދު ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިމިގްރޭޝަން އޮފީހުގެ އާ އިމާރާތް އެޅުމަށް ސޮއިކުރެވުނު އެއްބަސްވުމުގައި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ރިޓަޔަރޑް ޗީފް އޮފް ޕޮލިސް އަޙްމަދު ފަސީޙެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ.
އާ އިމާރާތް އެޅުމުން އުލިގަމުގައި އިމިގްރޭޝަންގެ ފަރާތުން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މީގެ އިތުރުން އޮޕަރޭޝަންތައް އިތުރުވެ، ރައްޔިތުންނަށް ޚިދުމަތް ލިބިގަތުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ޔޮޓް ޓޫރިޒަމްގެ މުހިންމު މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވޭ އުލިގަމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެހެންކަމުން، އާ އިމާރާތުގެ ސަބަބުން އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.



