ސަރުކާރުން ދޫކުރަމުންދާ ތަޢުލީމީ ލޯނުތައް އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ހިންގުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ.
މި ނިންމެވުމާ ގުޅިގެން، މިހާތަނަށް ލޯނުތަކުން ނަގަމުން އައި 1 ޕަސެންޓްގެ އިދާރީ ފީ އުވާލުމަށާއި، ލޯނުގެ އަދަދުގެ އިތުރުން އެހެން އެއްވެސް އިތުރު ފައިސާއެއް ނުނެގުމަށް ވަނީ ނިންމަވާފައެވެ. އަދި މީގެ ކުރިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު އަދަދުތައްވެސް މި އުސޫލާ އެއްގޮތަށް އަލުން ހިސާބުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވެއެވެ.
މަތީ ތަޢުލީމާއި ހުނަރުވެރިކަން ތަރައްޤީކުރުމުގެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ އަހަރު އެއްހާސް ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުންނަށް ލޯނު ދޫކުރެވިފައިވެއެވެ. މީގެއިތުރުން، ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ދަފްތަރުގައި 2,116 ދަރިވަރުން ރަޖިސްޓްރީވެފައިވާއިރު، އޭގެތެރޭގައި 915 ފިރިހެން ދަރިވަރުންނާއި 1,201 އަންހެން ދަރިވަރުން ހިމެނެއެވެ.
ސަރުކާރުގެ ތަޢުލީމީ ލޯނު ސްކީމްގެ ދަށުން، ދަރިވަރުންނަށް އެމީހުން އިޚްތިޔާރުކުރާ ޤައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބެއެވެ. ނަމަވެސް، ލޯނު ދޫކުރުމުގައި އިސްކަންދެނީ ޤައުމަށް އެންމެ ބޭނުންތެރި ދާއިރާތަކަށެވެ. މިގޮތުން ރައީސްގެ ވަޢުދުތަކާ އެއްގޮތަށް، އިމާރާތްކުރުމާއި، މަދަނީ ވައިގެ ދަތުރުފަތުރާއި، ދަނޑުވެރިކަމުގެ ދާއިރާތަކަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެވެއެވެ.



