މި އަހަރުގެ ފިޠުރު ޒަކާތް ބެހުމުގައި އައު އުސޫލެއް ގެންގުޅުމަށް ސަރުކާރުން ނިންމައިފިއެވެ. މިގޮތުން މި އަހަރު ފިޠުރު ޒަކާތް ބެހޭނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އެއް މިންގަނޑަކުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި މި އަހަރު ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4،500 ރުފިޔާ ލިބޭނެއެވެ. އަދި މިއީ އިޖްތިމާއީ އަދާލަތު ގާއިމުކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“މީގެ ކުރިން މިކަން ކުރާ ގޮތަކީ އެރަށަކުން ލިބޭ އެއްޗެއް އެކަނި އެރަށަކަށް ލިބެނީ. މިހާރު ތަފާތަކީ މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުން،” މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މިއީ ދިވެހިރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި މިފަދަ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެވެ. އަދި މިހާތަނަށް މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި 12.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.



