ހުޅުމާލޭގައި މިފަހަރުގެ ޢީދު ފާހަގަކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޚާއްޞަ ތައްޔާރީތަކެއް ވާން ފަށައިފިއެވެ. މިގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޢީދާ ގުޅިގެން ކުލަގަދަ ޑެކަރޭޝަންތަކާއި، ރީތި މަންޒަރުތަކެއް ދައްކުވައިދޭ ލައިޓިންގ ހަރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
އެޗްޑީސީން ބުނިގޮތުގައި މިފަހަރުގެ ޢީދު ފާހަގަކުރުމަށް ރޭވިފައިވަނީ ވަރަށް ޚާއްޞަ ގޮތަކަށެވެ. އެގޮތުން ޢީދު ދުވަސްވަރު ހުޅުމާލޭގައި ގިނަ އަދަދެއްގެ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މީގެ އިތުރުން ޢީދު ރޭ ހުޅުމާލޭގައި ޚާއްޞަ ހަފްލާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ހަފްލާގައި ޢާއިލާތަކަށް އެކުގައި އުފާވެރިކަމާއެކު ވަގުތު ހޭދަކުރެވޭނެ ގިނަ ކަންތައްތަކެއް ހިމެނޭނެ ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
“މިފަހަރުގެ ޢީދަކީ ހުޅުމާލޭގެ ރައްޔިތުންނަށް ހަނދާނުގައި ބެހެއްޓޭނެފަދަ ޚާއްޞަ ޢީދެއްގެ ގޮތުގައި ހެދުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ،” އެޗްޑީސީން ބުނެފައިވެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ޢީދު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ފިތުރު ޢީދު ދުވަހުގެ ހަވީރު 16:00 އިން 17:45 އަށެވެ.



