ތައިލެންޑާއި މިޔަންމާއަށް މިއަދު އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން، ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިހާތަނަށް ބެލިބެލުމުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށެވެ. މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ..
އިއްޔެ މެންދުރުފަހު އައި ބިންހެލުމާ ގުޅިގެން ބެންކޮކްގައި ހަދަމުންދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެއްޓި، ބައެއް މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގީ ބެންކޮކްގެ މަޝްހޫރު ޗަޓުޗަކް މާރުކޭޓު ސަރަހައްދުގައެވެ.
އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ގުޅޭނެ ނަންބަރުތައް
ތައިލެންޑް އަދި މިޔަންމާގައި ތިބި ދިވެހިންނަށް އެހީތެރިކަމެއް ބޭނުންވާނަމަ ގުޅޭނެ ނަންބަރުތައް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ:
އެމްބަސީގެ ހޮޓްލައިން: 611766502 66+
މިނިސްޓްރީގެ ހޮޓްލައިން: 9607983400+
އީދު ބަންދާ ދިމާކޮށް މިދުވަސްކޮޅު ބެންކޮކަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރުވެފައިވާއިރު، ފޮރިން މިނިސްޓްރީން ވަނީ އެ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ސަމާލުވެ، އެއާ އެއްގޮތަށް އަމަލުކުރުމަށް ދިވެހިންނަށް އިލްތިމާސްކޮށްފައެވެ.



