ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ ބަސްފުޅެއް ފޮނުއްވައިފިއެވެ. އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ފުލުހުން ޤައުމީ ޚިދުމަތުގައި ރެޔާއި ދުވާލު ކުރައްވަމުންގެންދަވާ ޒިންމާދާރު މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށެވެ. އަދި އަހަރީ ދުވަހުގެ ހެޔޮ އެދުންތައް ފުލުހުންނާއި އެބޭފުޅުންގެ އާއިލާތަކަށް ރައްދުކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް އުފެދިގެން އައީ 1933 ވަނަ އަހަރުގެ މާރިޗު 29 ގައެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އެކުލަވާލުމަށްފަހު، އޭރުގެ ރަސްގެފާނު އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ވެރިކަމުގައެވެ.
ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދުނީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެހާތަނަށް ފުލުހުންގެ ޚިދުމަތް ދެމުން އައީ ސިފައިންގެ ޚިދުމަތާ އެކުގައެވެ. މިއަދާ ހަމައަށް އައިއިރު ފުލުހުންގެ މުއައްސަސާއަށް ވަނީ ގިނަގުނަ ކުރިއެރުންތަކެއް ލިބި، ޒަމާނީ ވަސީލަތްތަކާއި އުސޫލުތައް ތަޢާރަފުކުރެވިފައެވެ.
މިހާރުގެ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 28 ޕޮލިސް ޕޯސްޓް ގާއިމުކޮށްފައެވެ. އަދި އިތުރު ފުލުހުންގެ މަރުކަޒުތައް އެޅުމަށް ވަނީ އެމްޓީސީސީ، އާރުޑީސީ އަދި ފެނަކައާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރެވިގެންދާނެއެވެ.
އަދި ހަމަ މިއާއެކު، ދިވެހި ފުލުހުންގެ ފަންނީ އަދި ތަޢުލީމީ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.



