މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭގައި ކެފޭގެ ނަމުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އައި 14 ތަނެއް މިއަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ނާއިފް ވިދާޅުވީ، މިވަގުތުވެސް މާލޭގައި މިފަދަ 6 ތަނެއް ހިންގަމުންދާ ކަމަށާއި، މިތަންތަން ބަންދުކުރުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މިހާތަނަށް މާލެއިން މިފަދަ 60 އަކަށްވުރެ ގިނަ ތަން ވަނީ ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ ތަންތަން ބަންދުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ޗީފް އިންސްޕެކްޓަރ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ގޭގޭގެ ވެރިފަރާތްތައް ގިނަވުމާއި، ޢާއިލާގެ މެންބަރުން ހެކިބަސް ދިނުމަށް އިންކާރުކުރުމާއި، ގިނަ ފަރާތްތަކަކާއެކު އެގްރިމެންޓް ކުރެވިފައި ހުރުމުން ޒިންމާ ނަގަންޖެހޭ ފަރާތް ކަނޑައެޅުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާކަން ފުލުހުން ފާހަގަކުރެއެވެ. މި އިސްލާހުތަކުގެ ދަށުން، މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ބަންދުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭނެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން 90 ދުވަހަށް މިފަދަ ތަންތަން ބަންދުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މައްސަލަ ހައްލުކުރުމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފުލުހުން ފާހަގަކުރެއެވެ. އެގޮތުން، ޢާއިލާގެ މެންބަރަކު ނަމަވެސް ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ގެތައް ކުއްޔަށް ދިނުމުގައި ފަރުވާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.



