މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ދެމުންގެންދާ ޚިދުމަތްތަކުގެ ގަޑިތަކަށް އަންނަ ހަފުތާއިން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފިއެވެ. އެގޮތުން އެޕްރީލް 6 އިން ފެށިގެން އެމްބީއެސް ހުޅުވިފައި ހުންނާނީ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށެވެ.
އެމްބީއެސްގެ އެންގުމެއްގައި ބުނެފައިވާ ގޮތުން، އެޗް.ބީ ބެލުމަށް ސާމްޕަލް ނަގާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށެވެ. އަދި ކްރޮސްމެޗު ހެދުމަށް ސާމްޕަލް ނެގުމުގެ ޚިދުމަތް ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް އަދި ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ހަވީރު 5:45 އަށް ކުރިއަށް ގެންދާނެއެވެ.
އަލަށް ހަމަޖެހުނު ގަޑިތަކުގެ ތެރޭގައި ތެލަސީމިއާ ސްކްރީނިންގެ ޚިދުމަތް ފޯރުކޮށްދޭނީ ހެނދުނު 8:30 އިން މެންދުރު 1:00 އާ ހަމައަށެވެ. އަދި ތެލަސީމިއާ ކާޑު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ. މީގެއިތުރުން ޑޯނަރުންގެ ގައިން ލޭ ނެގުމުގެ ޚިދުމަތް ލިބެން ހުންނާނީ ހެނދުނު 8:00 އިން ރޭގަނޑު 7:45 އަށެވެ. އަދި އެފެރެސިސްކޮށް ލޭ ނެގުމުގެ ޚިދުމަތް ދެވޭނީ ހެނދުނު 8:00 އިން ރޭގަނޑު 7:30 އަށެވެ.
އެމްބީއެސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ލޭ ގުޅައިދިނުމުގެ ޚިދުމަތްތަކުގެ ތެރެއިން އެއް ޔުނިޓު ގުޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ހެނދުނު 8:00 އިން ހަވީރު 4:30 އަށެވެ. އަދި ދެ ޔުނިޓު ގުޅައިދިނުމުގެ ޚިދުމަތް ލިބެން ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 2:30 އަށެވެ. މި ޚިދުމަތްތައް ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ލިބޭނެ ކަމަށް އެމްބީއެސްއިން ބުނެފައިވެއެވެ. އަދި ޑޮކްޓަރުންގެ ޚިދުމަތް ލިބޭނީ ހެނދުނު 8:00 އިން ރޭގަނޑު 8:30 އަށެވެ.



