އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ދަށުން ދުނިޔޭގައި މިހާތަނަށް ބެހެއްޓި އެންމެ އުސް ޕްރީކާސްޓް ނެވިގޭޝަން ސްޕޭން ސެގްމެންޓް ތިލަމާލެ ބްރިޖުގައި އިއްޔެ ހަރުކޮށްފިއެވެ.
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުއްޠަލިބް ވިދާޅުވި ގޮތުގައި މި މުހިންމު މަރުހަލާ ފުރިހަމަވުމާއެކު، މަޝްރޫޢުގެ މަސައްކަތް ރޭވިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށް އިތުރަށް އަވަސްކުރެވޭނެއެވެ.
އެފްކޮންސް އިން ހަރުކުރި މި ސެގްމެންޓަކީ 8.23 މީޓަރު އުސްމިނުގައި، 25.37 މީޓަރު ފުޅާމިނުގައި ހުރި، 216.04 މެޓްރިކް ޓަނުގެ ބަރުދަން ހުރި، އިންޖިނިއަރިންގ ގެ ފަންނީ ކުރިއެރުމެއް ކަމުގައި ބެލެވޭ ސެގްމެންޓެކެވެ..
ތިލަމާލެ ބްރިޖަކީ މި ވަގުތު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއެވެ. ކުރީގެ ސަރުކާރުން ފެށި ތިލަމާލެ ބްރިޖަކީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ތިމަލާމެ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މިނިސްޓްރީން ބުނީ މި މަހުގެ 15 އާ ހަމައަށް އެ ބްރިޖްގެ 52.44 އިންސައްތަ ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޕައިލް ކެޕުން އާއި ޕިއާ ކޮލަމްސް އެޅުމުގެ މަސައްކަތާއި ސުޕަ ސްޓްރަކްޗާ ސެގްމެންޓްސް ލޯންޗް ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.



