އިނގިރޭސިވިލާތުގައި ދިވެހި ދަރިވަރުންގެ މަރުކަޒެއްގެ ގޮތުގައި ކުރިން ބޭނުންކުރަމުން އައި “ނަމްބަރ 9 ރޯޒްމަންޓް އެވެނިއު” އަލުން ދަރިވަރުންގެ ބޭނުންތަކަށް ހުޅުވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި އިމާރާތަކީ ދަރިވަރުންގެ އެކި ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަށް ބޭނުންކުރަމުން އައި ތަނެއް ނަމަވެސް، 2019 ވަނަ އަހަރު ވަނީ ހައިކޮމިޝަންގެ ބޭނުމަށް ނަގާފައެވެ. އަދި މިހާރު މި އިމާރާތް ވަނީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދަރިވަރުންގެ އެސޯސިއޭޝަންގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައެވެ.
އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ހުންނަވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ޔަގީންކަން ދަރިވަރުންނަށް ދެއްވާފައިވެއެވެ.
ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ގައުމެއްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ ރައީސް މުއިއްޒު އިސްކަންދެއްވާ ކަމެކެވެ.
.



