ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފިއެވެ. މިކަން ހިނގާފައިވަނީ ރޭ 21:12 ހާއިރުއެވެ. މިކަން ހާމަކޮށް ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ.
ފުލުހުން ހާމަކުރިގޮތުގައި އަމިއްލައަށް މަރުވާން މަސައްކަތްކުރި މީހާއަކީ 34 އަހަރުގެ މީހެކެވެ. އޭނާ މިހާރު ގެންދަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މަސްތުވެފައި ހުރެ ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައެއްގައެވެ.
މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި މި މައްސަލައިގެ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ވަނީ ހިއްސާކޮށްފައެވެ.
މި ހާދިސާ ތަޙުޤީޤު ކުރުމަށް ފުލުހުންގެ މޭޖަރ ކްރައިމްސް ޑިޕާޓްމަންޓުގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. އަދި މި ހާދިސާ ހިނގި ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ޓީމަކުން އިސްކަންދީގެން އެތެރޭގެ ތަޙުޤީޤެއް ވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.



