ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންޓަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި މަހުގެ 5 އިން 9 އަށް އުޒްބަކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުހިންމު އެސެމްބްލީގައި، ދިވެހިރާއްޖޭގެ ޕާލިމެންޓަރީ ޑެލެގޭޝަންގެ އިސްވެރިޔާގެ ގޮތުގައި މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ އިތުރުން، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުރާ ދާއިރާގެ މެންބަރު ޑޮކްޓަރ އަނާރާ ނަޢީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ބައިވެރިވެވަޑައިގަންނަވައެވެ.



