ޣައްޒާގެ ދާރުލް އަރްޤަމް ސްކޫލަށް އިސްރާއީލު ސިފައިން ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައިކަން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ޣައްޒާގައި ހިންގާ ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް އިސްރާއީލުން ދިން ހަމަލާވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ. މިފަދަ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމާބެހޭ ޤާނޫނާ މުޅިން ޚިލާފު އަމަލުތަކެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
އިސްރާއީލުން ހިންގާ މިފަދަ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވައި، އެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވުމަށާއި، ޣައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ވަނީ ތަކުރާރުކޮށްފައެވެ.
ދިވެހިރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ތާޢީދު ތަކުރާރުކޮށް، “މި މައްސަލައަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވިގެން” ކަމުގައި ދިވެހިރާއްޖެއިން ދެކޭކަމަށް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.




ޔަހޫދީންނާއި އެއްބައިވެގެން އެމީހުން ބުނާގޮތްތައް ހަދާ ވެރިންތަކެއް ގިނަވަމުން ބައިމަދު ޔަހޫދީން ކޮންޓްރޯލް ނުކުރެވޭ ދެފުއް ދެގޮތް މުނާފިގުން ވެރިންތަކެއް ރައްޔިތުންގެ މައްޗަށް ޔަހޫދީން ހިނގާ އަނިޔާވެރި ކަމެއް