ހއ. ހޯރަފުށީގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ސިހުރުހަދާ ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ޔުނިޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.
ފުލުހުން ހާމަކުރިގޮތުގައި މި މައްސަލައިގައި ހިފަހައްޓާފައިވާ ފަރާތަކީ ވ. ކެޔޮދޫ، ތިބުރޯޒުގޭގެ މުޙައްމަދު ޢަބްދުލްކަރީމް (34 އަހަރު) އެވެ. އޭނާ ހިފަހައްޓާފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ޔުނިޓް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުލްކަރީމްގެ މައްޗަށް ފިޔަވަޅު އެޅުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ.



