ރޭ ހުޅުމާލެ ފޭސް 1 އިން 72 ދަޅު ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުން، ހައްޔަރުކުރެވުނު މީހުންނަކީ ނޭޕާލްގެ 34 އަހަރުގެ ޓަކް ބަހާދުރު ރިލަމީ އާއި ބަންގުލަދޭޝްގެ 34 އަހަރުގެ ބަހާރު އުދީނެވެ. މި ދެމީހުން ހައްޔަރުކުރެވުނީ ރޭ 10:00 ހާއިރު ހުޅުމާލޭގެ ރީތިގަސް މަގު ބްރިޖު ދަށުން ޑިންގީއަކުން ފައިބަމުންދަނިކޮށް، ޕެޓްރޯލްގައި އުޅުނު ފުލުހުންނަށް ފެނިގެންނެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ދެމީހުން ފުލުހުންނަށް ފެނުމާއެކު އޭގެތެރެއިން އެކަކު ވަނީ އެތަނުން ފިލަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުންނަށް ވަނީ އެ މީހުން ހައްޔަރުކުރެވިފައެވެ. އަދި އެމީހުން ގެންގުޅުނު ފޮށިގަނޑު ބަލައި ފާސްކުރުމުން 72 ދަޅު ބަނގުރާ ފެނިފައިވެއެވެ.



