ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައެޅުއްވި ފަނޑިޔާރު ހުސައިން ޝަހީދު، މިއަދު މަޤާމާ ހަވާލުވެވަޑައިގަތުމުގެ ހުވާ ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ޙާޟިރުފުޅުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ފަނޑިޔާރު ޝަހީދަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވުމަށްފަހު، ޖޭއެސްސީގެ މެންބަރުކަމުގެ ލިޔުން ރައީސް މުއިއްޒު އަތްޕުޅުން ފަނޑިޔާރު ޝަހީދާ ހަވާލުކުރެއްވިއެވެ.
ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ގޮނޑި ހުސްވެފައިވަނީ ފަނޑިޔާރު ހުސްނުއްސުއޫދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަޤާމަށް ފަނޑިޔާރު ޝަހީދު ހަމަޖެއްސެވުމަށް ސުޕްރީމް ކޯޓުން ނިންމެވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
ފަނޑިޔާރު ޝަހީދަކީ ހަތް އަހަރަށްވުރެ ގިނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އައްޔަންކުރެވުނެވެ.
ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ޖޭއެސްސީއަކީ ފަނޑިޔާރުންގެ މައްސަލަތައް ބެލުމާއި، އައްޔަންކުރުމާއި ވަކިކުރުމުގެ އެންމެހައި ކަންކަން ބަލަހައްޓާ މުއައްސަސާއެވެ. މި ކޮމިޝަނުގައި މިވަގުތު ހިމެނިވަޑައިގަންނަވަނީ 10 މެންބަރުންނެވެ. ފަނޑިޔާރު ޝަހީދުގެ އައްޔަންކުރެއްވުމާއެކު ކޮމިޝަނުގެ މެންބަރުންގެ އަދަދު ވަނީ ފުރިހަމަވެފައެވެ.



