ހަރުދަނާ އަދި ދުޅަހެޔޮ ޖީލެއް އުފެއްދުމަށްޓަކައި މައިންނާއި ކުޑަކުދިންގެ ސިއްހަތަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް ހެލްތު މިނިސްޓަރު ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވަނީ މާބަނޑުވުމުގެ ކުރިން މައިމީހާގެ ސިއްހީ ހާލަތާއި އާދަކާދަތަކަށް ސަމާލުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުޑަކުދިންނަށް ޅަފަތުގައި ޖެހޭ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް ދެވޭ ވެކްސިންތައް ފުރިހަމަކުރުމަށް އިސްކަންދިނުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.
މީގެއިތުރުން ކުޑަކުދިންގެ ކެއިންބުއިމުގެ ހާލަތު ރަނގަޅުކުރުމަށް “ސޯޝަލް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ” ގެ ދަށުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މި ސްޓްރެޓަޖީގެ އަމާޒަކީ ކުއްޖާގެ ހަޔާތުގެ ފުރަތަމަ 1،000 ދުވަހުގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ކަށަވަރުކުރުމެވެ.
1990 ތަކުގައި ރާއްޖެއަކީ މި ސަރަހައްދުގައި އެއް އަހަރުން ދަށުގެ ކުދިންނާއި ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ ނިސްބަތް އެންމެ މަތީ ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމުގައި ވީނަމަވެސް، މިހާރު އެ ނިސްބަތް ވަނީ ވަރަށް ބޮޑުތަން ދަށްވެފައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ޕޯލިއޯ، މެލޭރިއާ، ފައިލޭރިއާ، އަދި ވިހެއުމުގެ ތެރޭގައި ޖެހޭ ޓެޓަނަސްއާއި ހިމަބިހި ފަދަ ބަލިތައް ނައްތާލެވިފައިވުން ހިމެނެއެވެ. މީގެ އިތުރުން، އެޗްއައިވީ، ސިފިލިސް، ރުބެއްލާ އަދި ހެޕަޓައިޓިސް-ބީ ފަދަ ބަލިތައް ކޮންޓްރޯލްކުރެވިފައިވާ ގައުމެއްގެ ގޮތުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ވަނީ ރާއްޖެ ފާހަގަކޮށްފައެވެ.



