ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 498،968 (ހަތަރު ލައްކަ ނުވަދިހަ އަށްހާސް، ނުވަ ސަތޭކަ ފަސްދޮޅަސް އަށް) ގަސް އިންދާފައިވާ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީންހާމަކޮށްފިއެވެ.
މި ޕްރޮގްރާމަކީ 2023 ވަނަ އަހަރު ދުބާއީގައި ބޭއްވުނު ކޮޕް28 ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ޕްރޮގްރާމެކެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީކުދި ޖަޒީރާ ރަށްތަކަކީ ވިލުންވެރި، ސާފު ފެހި މާހައުލަކަށް ހެދުމަށް އިސްކަންދެން. މިގޮތުން، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް ހިންގުމަށް އަޅުގަނޑުމެން ވައުދުފުޅުވާ ކަމަށެވެ.
މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހާ ދިމާކޮށް ރަސްމީކޮށް ފެށުނު މި މަޝްރޫއުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކުން ވެސް އަންނަނީ އެއްބާރުލުންދީ ގަސް އިންދަމުންނެވެ. އެންވަޔަރަމެންޓު މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި ކުންފުނިތަކާއި މުއައްސަސާތަކުން މިހާތަނަށް ވައުދުވެފައިވާ ގޮތުން 5.2 މިލިއަން ގަސް އިންދޭނެއެވެ.
މި ޕްރޮގްރާމުގެ ދަށުން އެޗްޑީސީ އަދި އެމްޕީއެލްއިން ކޮންމެ ކުންފުންޏަކުން އެއް މިލިއަން ގަސް އިންދުމަށް ވަނީ ވައުދުވެފައެވެ. އަދި ރީޖަނަލް އެއާޕޯޓްސްއިން 600،000 ގަސް، ސްޓެލްކޯއިން 500،000 ގަސް އަދި އެސްޑީއެމް ފާމްއިން 750،000 ގަސް އިންދުމަށް ވަނީ ވައުދުވެފައެވެ. މީގެ އިތުރުން އެހެން މުއައްސަސާތަކާއި ޖަމިއްޔާ އަދި ކުންފުނިތަކުން 1.3 މިލިއަން ގަސް އިންދުމަށް ވަނީ އެއްބަސްވެފައެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށާއި، މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.



