ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވިއްސާރަވެ، މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މިއަދު ލަފާކޮށްފިއެވެ.
އެ އިދާރާ ބުނިގޮތުގައި ޚާއްސަކޮށް ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯވާރޭ ވެހުމަކީ އެކަށީގެންވާ ކަމެކެވެ.
މޫސުމުގެ ނުރައްކާތެރިކަމަށް ރައްޔިތުން ސަމާލުވުމަށް އެދި މޫސުމާބެހޭ އިދާރާއިން ވަނީ އެކި ސަރަހައްދުތަކަށް ވަކިވަކިން އެލާޓް ނެރެފައެވެ. މިގޮތުން ފުވައްމުލަކުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު ފަތިހު 5:30 އިން 10:30 އާ ހަމައަށް ވައިޓް އެލާޓް ދީފައިވާއިރު، ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހެނދުނު 9:45 އިން މެންދުރުފަހު 3:30 އަށް ވައިޓް އެލާޓް ދީފައިވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ލ. ކައްދޫއަށެވެ. އެރަށަށް 159.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން މޫސުމާބެހޭ އިދާރާ ހާމަކޮށްފައިވެއެވެ. އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 އިން 20 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.
މީގެއިތުރުން ވިލާގަނޑުގައި ވައި އިތުރަށް ގަދަވެ، ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައި ޖެހުމަކީ އެކަށީގެންވާއިރު، ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވެ، ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ.
މިހާރު ކުރިމަތިވެފައިވާ މޫސުމީ ނުތަނަވަސްކަމަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފެއްގެ ސަބަބުން ކުރިމަތިވެފައިވާ ކަމެއްކަމަށާއި، މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވެނީ މި މަހުގެ 11 ވަނަ ދުވަހުކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައިވެސް މޫސުން ގޯސްވެދާނެކަމަށް ލަފާކުރެވޭތީ، ރައްޔިތުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



