މާލެއަށް މިވަގުތު ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން މަގުމަތީގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމަށާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދިވެހި ސިފައިން ފަށައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނާ ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، މިވަގުތު ތިން ސަރަހައްދެއްގައި ހަތް ޕަންޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މި މަސައްކަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މިގޮތުން މިއަދު މެންދުރު 10:45 އިން ހަވީރު 14:00 އާ ހަމައަށް ނެރެފައިވާ މި އެލާޓުގައި ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހި، ކަނޑު ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.



