ކަނޑަށް ވެއްޓި ގެއްލި، ހޯދަން އުޅެ ނުފެނިފައިވާ މީހަކު މަރުވެފައިވާކަމަށް ބަލައި، ޣައިބަށް ކަށު ނަމާދު ކުރުމާމެދުގޮތް ނިންމާނީ ޤާޟީ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މާލެއަށް ދަތުރުކުރަނިކޮށް ރޯވި “ހޮޅުދޫ ބޯޓު” އިން މިދިޔަ ހަފުތާގައި ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް އޭނާގެ އުފަން ރަށް، ލ. މާވަށުގައި މާދަމާ ޣައިބަށް ކަށުނަމާދުކުރަން ނިންމުމާ ގުޅިގެން، ޝަހީމް ވިދާޅުވީ މިފަދަ ހާލަތުގައި އެ މީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅަން ޖެހޭނީ ޤާޟީއަށް ކަމަށެވެ.
“މިފަދަ ޙާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ޤާޟީއަށް،” މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީކަން ހިނގައި ދިޔަގޮތް ބަލައި. އޭނާ މަރުވެއްޖެކަން ގާޒީ ކަނޑައަޅައިފި ނަމަ އެ މީހެއްގެ މައްޗަށް ކަށުނަމާދު ކުރުން ހުއްދަވާނެ ކަމަށެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތަކުގައި ޤާޟީގެ ޙުކުމެއް އޮންނަންޖެހެނީ މަރަކީ ޝަރުޢީ ގޮތުން ވަރަށް ގިނަ ކަންކަން ގުޅިފައިވާ ކަމަކަށް ވާތީއެވެ. މީގެ ތެރޭގައި ކައިވެނި، ވާރުތަ އަދި ޢިއްދައިގެ މައްސަލަތައް ހިމެނެއެވެ.
ބައެއް އިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ގެއްލިފައިވާ މީހަކާމެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުންނެވެ. ނަމަވެސް މިނިސްޓަރ ޝަހީމް ފާހަގަކުރެއްވި ގޮތުގައި ކަނޑަށް ވެއްޓި ގެއްލިފައިވާ މީހަކު މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭނަމަ، ހަތަރު އަހަރު ހަމަނުވިޔަސް ޤާޟީއަށް ގޮތެއް ކަނޑައެޅިދާނެއެވެ.
ޤާޟީ މިފަދަ މައްސަލަތަކުގައި ގޮތެއް ނިންމަވާނީ ގެއްލުނު ޙާލަތާއި، ހޯދުމަށް ކުރެވުނު މަސައްކަތްތަކާއި، މައްސަލައިގެ އެންމެހާ ކަންކަން ރަނގަޅަށް ދިރާސާ ކުރެއްވުމަށްފަހުގައި ކަމަށް މިނިސްޓަރ ޝަހީމް ވަނީ ވިދާޅުވެފައެވެ.
މާވަށު ކައުންސިލުން މިއަދު ނެރުނު ދެންނެވުމުގައި ވާ ގޮތުން، 25 އަހަރުގެ ޒުވާނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހުގަ އެވެ. އަދި އެ ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.



