ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ބާއްވާ ކޭމްޕެކެވެ.
މި މަހުގެ 24 އިން 26 އަށް ބާއްވާ މި ކޭމްޕްގައި އެކި ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ އަށް އޮޕަރޭޝަން ޑޮކްޓަރުން ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. މި ޑޮކްޓަރުންގެ ތެރޭގައި ބެރިއަޓްރިކް ސަރޖަރީ އާއި ގޮހޮރުގެ ބަލިތަކަށް ޚާއްސަވެވަޑައިގަންނަވާ ޑރ. އާއިޝަތު އަޒުނާ އާއި، ލެޕްރޮސްކޯޕިކް ސަރޖަރީ އާއި އާންމު އޮޕަރޭޝަންތަކަށް ޚާއްސަވެވަޑައިގަންނަވާ ޑރ. އަބްދުﷲ އުބައިދު ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން، ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޓިވް ސަރޖަރީގެ ޚާއްސަވެވަޑައިގަންނަވާ ޑރ. މުޙައްމަދު ވަޙީދު، އެޑްވާންސްޑް ވޫންޑް ކެއަރ އަދި އާންމު އޮޕަރޭޝަންތަކުގެ ޚާއްސަވެވަޑައިގަންނަވާ ޑރ. އިބްރާހީމް އާދިލް، އޮންކޮލޮޖީ ސަރޖަރީއަށް ޚާއްސަވެވަޑައިގަންނަވާ ޑރ. މުޙައްމަދު ޝިފާން، ނިއުރޯ ސަރޖަރީއަށް ޚާއްސަވެވަޑައިގަންނަވާ ޑރ. އަލީ އާ، ޔޫރޮލޮޖީއަށް ޚާއްސަވެވަޑައިގަންނަވާ ޑރ. އަބްދުﷲ އަދްޡަރު އަދި އެނެސްތީސިއޮލޮޖީ އަދި ޕެއިން މެނޭޖްމަންޓަށް ޚާއްސަވެވަޑައިގަންނަވާ ޑރ. އަސްއަދު މުޙައްމަދު ޝަހީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗް ގުޅިގެން ކުރިއަށްގެންދާ މި ކޭމްޕްގައި އާންމު ބަލިމީހުން ބެއްލެވުމުގެ އިތުރުން، އެކި ބާވަތުގެ އޮޕަރޭޝަންތައް ކުރެއްވުމާއި، ޞިއްޙީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީނު ދެއްވުން ހިމެނެއެވެ.
މި ކޭމްޕްގައި ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.



