ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިޢުލާން ކުރުމަށް ނިންމައިފިއެވެ. މި ސްކޮލަރޝިޕްގެ ދަށުން އިސްލާމީ ޢިލްމުގެ މުހިންމު ދާއިރާތަކުން މާސްޓަރސް އަދި ޕީއެޗްޑީ ފުރުޞަތުތައް ހުޅުވާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި މިޞްރު އަދި ސަޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހާސިލުކުރާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން މެޑިސިންގެ ދާއިރާއިން ސުޕަރ ސްޕެޝަލިސްޓުން ރާއްޖޭގައި ނެތް މުހިންމު ބައެއް ދާއިރާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
“މިއީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާއެކެވެ.” މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
ޒަކާތު ފަންޑުގެ ފީ ސަބީލިﷲ ބައިން މި ފުރުޞަތުތަކަށް ފަންޑުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކަށްވެސް ޚަރަދުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޒަކާތު ފަންޑުން މިހާރުވެސް ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށާއި، ކިޑްނީ ޓްރާންސްޕްލާންޓް، ބޯން މެރޯ، ފުއްޕާމޭގެ ބަލިތައް އަދި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.



