2024 ވަނަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ ދިވެހި ތާރީޚުގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އެކަނި 34 މިލިއަން ރުފިޔާ ވަނީ ޒަކާތު ފަންޑަށް ލިބިފައެވެ. މީގެ އިތުރުން، މިއަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައިވެސް އެންމެ ގިނަ ފައިސާ ލިބުނު އަހަރުކަން ފާހަގަކުރެވެއެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިއަހަރަކީ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ފަޤީރުންގެ މެދުގައި ހަމަހަމަ އުސޫލަކުން ފިޠުރު ޒަކާތް ބެހިގެން ދިޔަ އަހަރެވެ. މިކަމަކީ ޒަކާތު ފަންޑުގެ ހިންގުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.
ޒަކާތު ފަންޑުގެ މި ކުރިއެރުމަކީ ރައްޔިތުންގެ މެދުގައި ޒަކާތުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުވެ، އިސްލާމީ މުޖުތަމަޢުގެ އެކުވެރިކަން އިތުރުވަމުން އަންނަކަމުގެ ހެއްކެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ދެކެއެވެ.



