ފަސްމިލިއަން ގަސް ޕްރޮޖެކްޓްގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރމަންޓް މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ފަސްމިލިއަން ގަސް ޕްރޮޖެކްޓްގެ އިސްވެރިންނާއި އެމްޕީއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާދެއްވި މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖެފެހިކޮށް، ކާބަން ޑައިއޮކްސައިޑް މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް މަގުފަހިކުރުމެވެ. މި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ހައުސް ގޭސް އުފެދުން މަދުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ފަސްމިލިއަން ގަސް އިންދުމަށް ވަނީ ރޭވިފައެވެ.
އެމްޕީއެލްގެ ފަރާތުން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. މި ހަރަކާތްތަކުގެ ތާވަލާއި އިތުރު ތަފްސީލް އަންނަ ހަފްތާގެ ތެރޭގައި އާންމުކުރާނެ ކަމަށް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން މަޢުލޫމާތު ދެއްވާފައިވެއެވެ. މި މަޝްރޫޢުގައި ބައިވެރިވުމަކީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ތެރެއިން ކުރާ މުހިންމު ކަމެކެވެ.
ފަސްމިލިއަން ގަސް ޕްރޮޖެކްޓްކްޓްގެ ދަށުން މިހާތަނަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، މި މަޝްރޫޢަށް ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުން ދަނީ އެއްބާރުލުން ދެމުންނެވެ.