ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުލްރަޙްމާން އަލް މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ.
ރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަޢުދީ ފަންޑުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން މި ޝަރަފުގެ ޢިއްޒަތް ދެއްވީކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މި ޝަރަފު ދެއްވާފައިވާކަމަށް ވެސް ރައީސް އޮފީހުން ހާމަކުރިއެވެ.
ނިޝާން މުލީގޭ ޝަރަފުގެ ތާރީޚު
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ނިސްބަތްވަނީ ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ އިސްލާހީ ބަދަލުތަކެއް ގެންނެވި ރަސްކަލެއް ކަމުގައިވާ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ. އެމަނިކުފާނަކީ 1893 ވަނަ އަހަރާއި، 1903 އިން 1934 އަށް ރާއްޖޭގެ ރަސްކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ރަސްކަމުގައި ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލައި، 1933 ވަނަ އަހަރު އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނެވެ.



