ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް އިތުރު ލޯނެއް ދޫކުރުމަށް ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓާއި ދިވެހި ސަރުކާރާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ..
މި އެއްބަސްވުމުގެ ދަށުން ސަޢޫދީ ފަންޑުން 63.75މިލިއަން ސަޢޫދީ ރިޔާލް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކަމަށްވާއިރު، ސަޢޫދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލްމުރްޝިދެވެ.
އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް މި އިތުރު ފައިސާ ލިބުމުން، މަޝްރޫޢުގެ މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި މަޝްރޫޢު ނިމުމުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ކުރާނެ ކަމަށްވެސް ސަރުކާރުން ފާހަގަކުރެއެވެ.
އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން އިތުރު އެއަރލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި ވިޔަފާރި އަދި ދަތުރުފަތުރުގެ ދާއިރާއަށް ކުރިއެރުން ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ މައި ލޮނުކަށީގެ ގޮތުގައި އޮތް ފަތުރުވެރިކަމުގެ ސިނާއަތަށްވެސް އިތުރު ފުޅާވުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ މައި ވައިގެ ބަނދަރު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.