ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 2025 ވަނަ އަހަރުގެ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިޢުލާންކޮށްފިއެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ 18 އަހަރުން ފެށިގެން 35 އަހަރާ ދެމެދުގެ ދިވެހިންނަށެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިންގާ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމެވެ.
މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ހަތަރު ދާއިރާއެކެވެ. އެއީ އެއްގަމު އުޅަނދުފަހަރުގެ މަރާމާތު، ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތު، އަދި ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްގެ ދާއިރާއެވެ. މި ޕްރޮގްރާމް ގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވޭނެއެވެ.
6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ދެއެވެ. މި އަހަރުގެ ޕްރޮގްރާމްގައި 25 ބައިވެރިންނަށް ފުރުސަތު ދޭނެއެވެ.
އެ ކޯޕަރޭޝަންގެ ހެޑް އޮޕް މާކެޓިންގް ޑިޕާޓްމަންޓް، ހަސަން ޝަހީދު ވިދާޅުވި ގޮތުގައި، “2016 އިން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކުން މިހާރުވެސް އެޗްޑީސީ އާއި އެހެނިހެން ކުންފުނިތަކުގައި އެކި މަގާމުތަކުގައި ހިދުމަތްކުރަމުން ގެންދެއެވެ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މި ޕްރޮގްރާމްގެ ތެރެއިން ގިނަ ޒުވާނުން ތަމްރީނުކުރެވި، މަސައްކަތުގެ މާހައުލަށް ނުކުތުމެވެ.”
ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
