ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިގަނޑު ތަނބު ކަމަށާއި، އަބަދުވެސް ދިވެހިން އެންމެ އިސްކަމެއް ދޭނީ ދިވެހިބަހަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކްސް މެދުވެރިކޮށް ރައްޔިތުންނާ ހިއްސާކުރެއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އަހަރުތަކާއި، ދަހަރުތަކާއި، ސައްތަތަކާއި އަދި ސާސްކަފިތައް ވެސް ދިވެހިން ހޭދަކުރާނީ ދިވެހިބަހަށް އެންމެ މަތީ ދަރަޖައިގެ އިސްކަމެއް ދީގެން ކަމަށެވެ.
މީގެއިތުރުން ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ޒަމާނީ ކުރިއެރުންތަކާއި ތަރައްގީގެ ހަރުފަތްތައް ދިވެހިން ގިރާކުރާނީ ދިވެހިބަސް އާލާވެ، ފުޅާވެ، ކުރިއަރަމުންދާނެ ކަމުގެ އުންމީދާ އެކުގައެވެ.
ދިވެހި ގައުމިއްޔަތު ވަރުގަދަކޮށް، ދިވެހިންގެ ހިތްތަކުގައި ގައުމާއި ގައުމިއްޔަތަށް ކުރާ ލޯބި އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި “ދިވެހި ގައުމިއްޔަތުގެ އިސްވަރު” ގެ ނަމުގައި ޚާއްސަ ކޮލެޖެއް ވަނީ ގާއިމުކޮށްފައެވެ.