ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލަންދެން، އިސްރާއީލުގެ ޕާސްޕޯޓް ހިފައިގެން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
މި މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިދިޔަ އަހަރުގެ މެއި މަހު މަޖިލީހަށް ހުށަހެޅުއްވި މައްސަލައެކެވެ. މެންބަރު މީކާއިލްގެ ހުށަހެޅުމުގައި ހިމެނެނީ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެންމެހާ ފަރާތްތަކަށް ރާއްޖެ އެތެރެވުން މަނާކުރުމަށެވެ.
މިއަދު އޮތް ކޮމެޓީގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހަކީ، ގާނޫނު ނަންބަރު 8 ވަނަ މާއްދާގެ (ނ)ގެ ފަހަތަށް (ރ) އިތުރުކުރުމެވެ. މި އިސްލާހުގެ ދަށުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރެވޭނެއެވެ.
މެންބަރު ޝާހިދުގެ މި ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވަނީ ތާއީދުކުރައްވާފައެވެ. އަދި ކޮމެޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.
އިމިގްރޭޝަނުން މިހާރު ހުށަހަޅާފައިވާ ގޮތުން، މި މަނާކުރުން ހިނގާނީ ހަމައެކަނި ރާއްޖެ އައުމަށް އިސްރާއީލުގެ ޕާސްޕޯޓު ހުށަހަޅާ ފަރާތްތަކަށެވެ.