މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ޢަބްދުﷲ އަޙްމަދު ބަދާވީއަކީ އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ބޮޑު ބައެއް ޢާންމު ޚިދުމަތާއި މެލޭޝިއާގެ ކުރިއެރުމަށް ޚާއްޞަކުރެއްވި ޝަރަފުވެރި ބޭފުޅެއްކަން ފާހަގަކުރައްވައިފައިވެއެވެ. އަދި އެ މަނިކުފާނުގެ އަވަހާރާ ގުޅިގެން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، މެލޭޝިޔާގެ އިޤްތިޞާދީ ކުރިއެރުމަށް ޢަބްދުﷲ އަޙްމަދު ބަދާވީ ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، އެ މަނިކުފާނަކީ ހަމަހަމަކަމާއި ޤައުމީ އެއްބައިވަންތަކަމާއި، ހެޔޮވެރިކަމެއް ޤާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި ސިޔާސީ ލީޑަރެއް ކަމުގައި ރައީސް މުޢިއްޒު ފާހަގަކުރައްވާފައިވެއެވެ.
ޢަބްދުﷲ އަޙްމަދު ބަދާވީއަކީ 2003 އިން 2009 އަށް މެލޭޝިއާގެ 5 ވަނަ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނުގެ ވެރިކަމުގައި އިސްލާމީ އުސޫލުތައް ފަތުރުއްވައި، އިޤްތިޞާދީ ކުރިއެރުމާއި ޤައުމީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ މެސެޖު ނިންމަވާލައްވާފައިވަނީ، މި ހިތާމަވެރި ދަނޑިވަޅުގައި މަރުޙޫމްގެ ޢާއިލާއަށާއި މެލޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވަމުންނެވެ.