ތާރީޙުގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް، ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް މިއަދު ގާއިމުކޮށް، ރަސްމީކޮށް ޚިދުމަތް ފަށައިފިއެވެ.
އެމްބަސީގެ ރަސްމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލެވެ. އަދި ތުރުކީ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެގައުމުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއިއެވެ.
އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޚަލީލް ވިދާޅުވީ، މި އެމްބަސީ ގާއިމުކުރެވުމާއެކު ދެގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ސަގާފީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތުރުކީގެ މިނިސްޓަރ އެރްސޮއި ވިދާޅުވީ، ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ވަރަށް ގަދީމީ ގުޅުމެއް ކަމަށާއި، މި އެމްބަސީ ގާއިމުކުރެވުމާއެކު އެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ އުއްމީދު ފާޅުކުރެއްވިއެވެ.
ތުރުކީގައި ދިވެހި އެމްބަސީއެއް ގާއިމުކުރެވުނީ، އެގައުމުގައި ދިރިއުޅޭ ދިވެހިންގެ އަދަދު އިތުރުވަމުން އައުމާއި ގުޅިގެންނެވެ. މިވަގުތު ތުރުކީގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުންދާއިރު، ފަތުރުވެރިކަމުގެ ބޭނުމުގައި އެގައުމަށް ޒިޔާރަތްކުރާ ދިވެހިންގެ އަދަދުވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.