އިސްރާއީލް ޕާސްޕޯޓް ހިފައިގެން ރާއްޖެ އެތެރެވުން މަނާކުރާ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެވުނު، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙެވެ.
މި ބިލު ތަސްދީޤުކުރެވުނީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. މި ބިލުގެ ދަށުން އިސްރާއީލްގެ ޕާސްޕޯޓް ހިފައިގެން އެ ގައުމުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާވެގެންދާނެއެވެ.
ފަލަސްޠީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މަންސަތަކުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ގޮވާލުން ހިމެނެއެވެ.
އަދި ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާ ވަނީ އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށްވެސް ގޮވާލައްވާފައެވެ. މި ބިލް ތަސްދީޤުކުރެވުމާއެކު، ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކޮށް ދިވެހިރާއްޖެއިން އަޅާ އެންމެ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު އެޅިގެން ދިޔައީއެވެ.