ލަގްޒަމްބާރގގައި މިވަގުތު ބޭއްވެމުންދާ “ގްލޯބަލް ގަވަރމަންޓް ސަމިޓް” ގައި ބައިވެރިވެވަޑައިގަންނަވާ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު، އެގައުމުގެ މިނިސްޓަރ އޮފް ލޭބަރ، ހިޒް އެކްސެލެންސީ ޖޯރޖް މީޝޯއާ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ދެ ގައުމުގެ އިސްވެރިން ބައްދަލުކުރެއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ ޚާއްސަކޮށް ތަޢުލީމީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އިސްކަންދީގެން މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ދިވެހި ދަރިވަރުންނަށް ލަގްޒަމްބާރގގައި މަތީ ތަޢުލީމު އަދި ތަމްރީނު ހޯދުމުގެ ފުރުސަތު ހޯދައިދިނުމާއި، އަދި އޭގެ އިތުރުން ލަގްޒަމްބާރގގެ ދަރިވަރުންނަށް ރާއްޖޭގެ ރިސޯޓުތަކުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ފުރިހަމަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
އެކި ގައުމުތަކުގެ އިސްވެރިންނާއެކު ބާއްވާ މިފަދަ ބައްދަލުވުންތަކަކީ ދިވެހި ދަރިވަރުންނަށް ބޭރު ގައުމުތަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރުމަށާއި، ރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.