ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ މަގު ހެދުމުގައި ދިމާވެފައިވާ މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައިކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓަރ ވިލެޖްގެ ލޭބަރ ކުއާޓަރ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއެކު މަޝްވަރާކޮށް، މައްސަލަ ހައްލުވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ވުޒާރާއަށް އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް އޭއައިއޭގެ މެނޭޖްމަންޓުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. އަދި މައްސަލަ ހައްލުކުރުމުގައި އައްޑޫގެ ރައްޔިތުން ދެއްވި އެއްބާރުލެއްވުމަށްވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގައެވެ. އެހެންނަމަވެސް މަގު ހެދުމުގައި ދިމާވި ހުރަސްތަކާ ގުޅިގެން މަސައްކަތް ކުރިއަށް ނުގޮސް ލަސްވެފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.
އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 28.5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހާ ހަމައަށް މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ. ނަމަވެސް އެއަރޕޯޓުގެ މަސައްކަތުގެ ތެރެއިން ވަށައިގެންވާ ރިންގް ރޯޑާއި ޓަރމިނަލްގެ މަސައްކަތް އަދި ނުނިމެއެވެ.



